ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ޗެއާމަންގެ މަގާމަށް، މުހައްމަދު ޝަމީ އާދަމް މިއަދު އައްޔަނުކޮށްފި އެވެ.
އާރުޑީސީގެ ޗެއާމަންގެ މަގާމަށް މުހައްމަދު ޝަމީ އާދަމް އައްޔަނުކޮށްފައިވާއިރު މިއަހަރުގެ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އޭނާ ވަނީ އެކުންފުނީގެ ޗެއާމަންގެ މަގާމުން ވަކިކޮށްފަ އެވެ. މިކަމާއި ގުޅިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)ން އޭރު ބުނެފައިވަނީ އާރުޑީސީގެ ޗެއާމަންކަމުގެ މަގާމުން ޝަމީީ ވަކިކުރީ ކުންފުނިތަކުގެ ބޯޑުތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކަމަށެވެ.
އާރުޑީސީން ވަނީ އެ ކުންފުނީގެ ޗެއާމަންގެ މަގާމަށް އަލުން ޝަމީ އައްޔަނުކޮށް ސޯޝަލް މީޑިއާގައި އޭނާއަށް މަރުހަބާ ކިޔާ މިއަދު ޕޯސްޓެއް ވެސް ކޮށްފަ އެވެ.
އާރުޑީސީގެ ޗެއާމަންކަމުގެ މަގާމުގެ އިތުރުން އާރުޑީސީ އަދި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ބޯޑު މެމްބަރުކަމުން ވެސް އޭރު އޭނާ ވަކިކުރި އެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި އާރުޑީސީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވި އަލީ ޒުހައިރު ވެސް ވަނީ އެމަގާމުން ވަކިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަނު ކޮށްފަ އެވެ.



