އަމީނީމަގުގެ އަޑިގުދަންވެފައިވާ ސަރަހައްދު އަލުން މަރާމާތުކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފި އެވެ.
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އާރުޑީސީން ފަށާފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަމީނީމަގުގައި މިވަގުތު މަރާމާތުގެ މަސައްކަތް ކުރަމުން އަންނަނީ ދިވެހިރާއްޖޭގެ އަޑާއި ވިޔަފާރިވެރިންގެ މިސްކިތް ހިމެނޭ ސަރަހައްދުގަ އެވެ. މި ސަރަހައްދުގެ ތާރުގަނޑު ވަނީ އެކި ހިސާބުތަކުން އަޑިގުދަންވެފަ އެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތާރުއަޅައި ތަރައްގީކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގަ އެވެ. އެހެންނަމަވެސް އެމަގުގައި ތަފާތު އެތަކެއް މައްސަލައެއް ކުރިމަތިވެ މީގެކުރިން އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުވެސް ތާރުގަނޑު ކަނޑާ ނެގުމަށްފަހު އެ ސަރަހައްދުގައި ވަނީ އަލުން ތާރުއަޅައި މަރާމާތުކޮށްފަ އެވެ.
އަމީނީމަގު ތަރައްގީކުރުމުގެ މަސައްކަތް އެންމެ ފުރުތަމަ ހަވާލުކޮށްފައިވަނީ މާލޭސިޓީ ކައުންސިލަށް 39 މިލިއަން ރުފިޔާއަށެވެ. އެހެންނަމަވެސް އޭގެފަހުން މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާއި ހަވާލުކޮށްގެންވަނީ ކޮށްފަ އެވެ. އާރުޑީސީއާއި ހަވާލުކޮށްގެން މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލަށް އެ މަސައްކަތް ހަވާލުކުރި ވަރަށް ވުރެ ދެގުނަ އަގު ބޮޑުކޮށް 84 މިލިއަން ރުފިޔާއަށެވެ. އަމީނީމަގުގެ މަޝްރޫއުއަކީ 13 ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ.
އަމީނީމަގުގައި ބައެއް ސަރަހައްދުތައް އަޑިގުދަންވެފައި ހުރުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުގެ ފުރުސަތު ބޮޑުކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.