ހއ. ތިލަދުންމަތީ އިތުރުބުރީ ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފި އެވެ. މި މަސައްކަތް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ.
އިމާރާތް ކުރުމާ ބެހޭ ވުޒާރާއިން ބުނީ، މި މަސައްކަތް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރެވިފަިވާކަމަށެވެ. އަދި މި މަޝްރޫއު އަށް 77.1 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.
ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެއްބަސްވުމުގައި އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމް އެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ރަށްތަކުގެ މަގުހެދުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނިތަކާ ހަވާލުކުރަމުންނެވެ. މިގޮތުން، ދާދިފަހުން ވަނީ ކުޅުދުއްފުށީ ސިޓީގެ މަގުތައް ހެދުމުގެ ތިންވަނަ ފިޔަވަހީގެ މަސައްކަތާއި، އިތުރު ހަތް އަތޮޅުގެ 11 ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައިވެސް އާރްޑީސީއާ ހަވާލުކޮށްފަ އެވެ. މި މަޝްރޫއުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅުމުގެ ފަސޭހަތައް އިތުރުވެ، ރަށުގެ ތަރައްގީއަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެ އެވެ.



