މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުވާލައި، ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އިޢުލާނެއް ކޮށްފިއެވެ.
ސިޔާސީ ޕާޓީ ވުޖޫދުގައި ދެމިއޮތުމަށް ބޭނުންވާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ ޢަދަދު ހަމަނުވުމުގެ ސަބަބުން އީސީން މި ނިންމުން ނިންމާފައިވަނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުންނެވެ.
އެމްއާރްއެމްއަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައިގެން އުފެއްދެވި ޕާޓީއެކެވެ. މީގެ ކުރިން ވެސް، 24 މެއި 2023 ގައި، 3000 މެންބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން އީސީން ނިންމާފައިވެއެވެ.
ނަމަވެސް، އޭރު އެމްއާރްއެމްއިން އީސީ އާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ނިންމީ އީސީގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށާއި، އެ ނިންމުމަށް ޢަމަލު ނުކުރުމަށެވެ. އެހެންނަމަވެސް، މިހާރު އީސީން ވަނީ އަލުން އެމްއާރްއެމް އުވާލުމަށް ނިންމައިފައެވެ.









