ރާއްޖެއަށް 200 މާސްޓަ ކާޓަން މެންޗެސްޓަ ސިނގިރޭޓް ވަގަށް އެތެރެކުރި މައްސަލަ ފުލުހުން ތަޙުޤީޤުކުރަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ތަޙުޤީޤު ކުރިޔަށް ގެންދަނީ ކަސްޓަމްސްއާ ގުޅިގެން ކަމަށެވެ.
މި މައްސަލާގަައި ތުހުމަތު ކުރެވެނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑްގެ ފޮރިންގޮއިން އުޅަނދެއް ކަމަށްވާ "ދަ ހޯކްސް ޖަވާހިރު ބޯޓް" އިން މި ސިނގިރޭޓްތައް ރާއްޖެ އަށް އެތެރެކޮށްފައިވުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، މިދިޔަ އޮކްޓޯބަރު 24 ވަނަ ދުވަހު ރާއްޖެއަށް އައި “ދަ ހޯކްސް ޖަވާހިރު ބޯޓު" އިން މި ސިނގިރޭޓްތައް ބޯޓުގެ މެނިފެސްޓުގައި ނުހިމަނައި، ރާއްޖެއަށް ގެނެސްފައިވާ ކަމަށެވެ. އަދި އޮކްޓޯބަރު 25 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ކ. ތިލަފުށީގައި ހުންނަ ހޯކްސް ބޯޓު ޔާޑުގެ ޖެޓީއަށް މި ސިނގިރޭޓްތައް ބާލައިގެން ސިއްރުން އެތެރެކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައިގެ ތަޙުޤީޤު ބިނާވެފައި ވަނީ މައިގަނޑު ދެ ކުށެއްގެ މައްޗަށް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ ކުށާއި، މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން މަނީ ލޯންޑްރިން ކުށެވެ.









