މިއަދު ހެނދުނު ކ. ގާފަރުގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެ ރަށުގެ މަގުމަތިން ހިނގާފައި ދިޔަ ބަންގުލަދޭޝްގެ މީހަކަށް މިއަދު ހެނދުނު 7:00 ހާއިރު ހަމަލާދިން މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި، މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެރަށު ގުލްދަސްތާގޭ ޖާޒިމް ޖައުފަރު ނަމަކަށް ކިޔާ މީހެކެވެ. ނަމަވެސް އޭނާއާއި ބެހޭ އިތުރު މަޢުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
އެ ހަމަލާދިން ސަބަބެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި ހަމަލާދިން މީހާ އަކީ ނަފުސާނީ ބައްޔަށް ބޭސްކުރާ މީހެކެވެ.
ބިދޭސީ މީހާއަށް ލިބުނު އަނިޔާތަކަށް އެ ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށް ފަހު އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފަ އެވެ.









