ހއ. އުތީމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމަށް އެރަށު ކައުންސިލާއި ބޭންކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އުތީމުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި އުތީމު ކައުންސިލުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފެވެ.
އުތީމުގައި މި ޚިދުމަތް ޤާއިމުކުރެވެނީ، މުޅި ރާއްޖެއަށް ބޭންކިން ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުންނެވެ. މިހާރު އުތީމުގައި ބޭންކިން ޚިދުމަތް ދެނީ ބީއެމްއެލް އެޖެންޓެއް މެދުވެރިކޮށެވެ.
ސަރުކާރުގެ ޢަމާޒަކީ 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމެވެ. މުޅި ރާއްޖެއަށް ބީއެމްއެލްގެ އޭޓީއެމް ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އިފްތިތާހުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ބީއެމްއެލް އިން މިހާރު ރާއްޖޭގެ 90 ރަށެއްގައި 150 އޭޓީއެމް ބަހައްޓައިގެން ދަނީ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި 2023 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް އިތުރު 17 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ދަނީ މަސައްކަތްކުރަމުންނެވެ.









