ދިވެހިބަސް ނޭނގޭ 19 އަހަރުގެ ދިވެހި ޒުވާނަކު މަކަރާއި ހީލަތުގެ ތުހުމަތުގައި ހައްޔަރުކޮށް، ކޯޓަށް ގެންގޮސް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ކޯޓު އަމުރުގައި ވާގޮތުން މި މައްސަލައިގައި މި ދިވެހި ޒުވާނާއަށް ދިވެހިބަސް ރަނގަޅަށް ނޭނގޭތީ، އޭނާ ވަނީ ކޯޓުގައި ތަރުޖަމާނެއްގެ އެހީތެރިކަން ހޯދާފައެވެ.
މި މަހުގެ 13 ވަނަ ދުވަހު ހައްޔަރުކުރި މި ޒުވާނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިއްޔެ ވަނީ އިތުރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މަކަރާއި ހީލަތުން ނެގި ގިނަ ޢަދަދެއްގެ ފައިސާ މި ޒުވާނާގެ އެކައުންޓަށް ޖަމާކޮށް، އެހެން ބަޔަކަށް ފޮނުވާފައިވެއެވެ.
ތުހުމަތު ކުރެވޭ އިތުރު މީހެއްގެ އަތުން މި ޒުވާނާގެ ކޭޝްކާޑު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ކޯޓުގައި މި ޒުވާނާ ބުނެފައިވަނީ މައްސަލައިގައި ހިމެނޭ މީހުންނަކީ އޭނާ ދަންނަ ބައެއް ނޫން ކަމަށާއި، އެކަމަކީ ބިރުދައްކައިގެން އޭނާލައްވާ ކުރުވި ކަމެއް ކަމަށެވެ.









