ރައީސް ފިއްލަދޫގެ ތަރައްޤީއާ ގުޅޭ މަޝްވަރާތަކެއް ކުރައްވައިފި

އާނާ ފަހީމް | 171 ދުވަސް ކުރިން - 28 ޖެނުއަރީ 2025 15:28
ރައީސް ފިއްލަދޫ ކައުންސިލާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ރައީސް ފިއްލަދޫ ކައުންސިލާ ބައްދަލުކުރެއްވުން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ފިއްލަދޫ ކައުންސިލާއި އެހެނިހެން މުހިންމު ފަރާތްތަކާއެކު ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅޭ ގޮތުންނާއި، ތަޢުލީމީ، ޞިއްޙީ އަދި އިޖްތިމާޢީ ދާއިރާތަކާ ގުޅޭ މަޝްވަރާތައް ކުރެއްވި.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ފިއްލަދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީ އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ މިއަދު މެންދުރު ފިއްލަދޫ ޞިއްޙީ މަރުކަޒުގައެވެ.

މި ބައްދަލުވުމުގައި ފިއްލަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި ސްކޫލަށް ބޭނުންވާ 8 ކްލާސްރޫމާއި އިތުރު ވަސީލަތްތަކާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި ލެބޯޓްރީއަށް ބޭނުންވާ ރިއޭޖެންޓްސް ލިބުމުގެ ދަތިކަން ހިމެނެއެވެ. މީގެ އިތުރުން، އަލަށް އާބާދުވާ ސަރަޙައްދުގައި ކަރަންޓާއި ޔޫޓިލިޓީ ޚިދުމަތްތައް ޤާއިމުކުރުމާއި، ކުނިކޮށްޓެއް އެޅުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.

ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވުމާ ގުޅިގެން، ރައީސް ވަނީ މަގުތައް ހެދުމުގެ ސްކޯޕް ކަނޑައެޅިގެންދިއުމުން، މި މަޝްރޫޢު ކުރިއަށް ގެންދެވޭނެ ގޮތެއް ނިންމަވާނެ ކަމުގައި ވިދާޅުވެފައެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކޮށް، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސް ވަނީ ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އެގޮތުން، ޞިއްޙީ މަރުކަޒަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ރިކުއެސްޓް ކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ރިއޭޖެންޓްސް ލިބުމުގެ ދަތިކަން ހައްލުކުރުމަށް އެސް.ޓީ.އޯ އާ ގުޅިގެން މަސައްކަތް ކުރަމުންދާކަން ވަޒީރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ފިއްލަދޫގެ ތަރައްޤީއަށް މުހިންމު ގިނަ ކަންތައްތައް މަޝްވަރާކުރެވި، އެ ކަންކަން ހައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

ރައީސް ވަނީ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހާސިލުކުރުމަށް ސަރުކާރުން އެހީތެރިވެދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%