ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް ހދ. ހަނިމާދޫން ބޮޑު 9 ބިމެއް ކުއްޔަށް ދޭން ނިންމައިފި އެވެ.
ހަނިމާދޫން ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޓޫރިޒަމްގެ ވިޔަފާރި ހިންގުމަށް އެ ރަށުން ބިން ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމާފައިވާ ކަމަށެވެ
އެ ނިންމުމުގެ ދަށުން އެ ރަށުން 5،000 އަކަފޫޓުގެ 9 ބިން ކުއްޔަށް ދޫކުރާނެ ކަމަށާއި ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައިވާ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހަނިމާދޫގެ އުތުރާއި ދެކުނު ދޫކުރާ މި ބިންތައް ކުއްޔަށް ދެނީ 50 އަހަރަށެވެ.
މި ކަމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު 19 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރުމަށް ނުވަތަ ބިޑް ބައްލަވައި ގަތުމަށް އެދޭ ފޯމު މެދުވެރިކޮށް ބިޑް ރަޖިސްޓްރީ ކުރަންވާނެ ކަމަށް ކައުންސިލުން ބުންޏެވެ.
ބިޑް ގަތުމުގެ ފީއަކީ 5،000 އަކަފޫޓުގެ ޕްލޮޓަކަށް 1،000ރ. އެވެ. އިތުރަށް ބިން ބޭނުންވާ ނަމަ ބޭނުންވާ އަދަދަކަށް ކޮންމެ ބިމަކަށް އިތުރަށް 1،000ރ. ދައްކަން ޖެހެ އެވެ.
ކައުންސިލުން ބުނީ މި ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު 20 ގަ އެވެ.
ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ހަނިމާދޫން މީގެ ކުރިން ވެސް ވަނީ ޓޫރިޒަމްގެ ބޭނުމަށް ބިން ދޫކޮށްފަ އެވެ.









