ހެންވޭރު ސަހަރާގައި ހުންނަ ޝަހީދުންގެ މަޤްބަރާ ފިޔަވައި، އެހެން ހުރިހާ މަހާނަ ގާތައް ނަގައި އެތަން ހުސްކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ހެންވޭރު ސަހަރާގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކަކާއި ގުޅިގެން، އެ ސަހަރާގެ ހުޅަނގު ފަރާތުގައި އޮންނަ "ޝަހީދުންގެ މަޤްބަރާ" ފިޔަވައި، އެ ސަހަރާގެ ބާކީ އޮތް ސަރަހައްދުގެ ގަބުރުސްތާނު ނަގަން ބޭނުންވާ ކަމަށެވެ.
އެ ސަރަހައްދުގައި ހުރި މަހާނަ ގާތައް ޖަހާފައިވާ ފަރާތްތަކުން އެ ގާތައް ނަގައިގެން ގެންދަން ބޭނުންވާ ނަމަ އެ ފަދަ ފަރާތްތަކުން ސިޓީ ކައުންސިލަށް ގުޅައިގެން އަންނަ މަހުގެ 21 ވަނަ ދުވަހުގެ ކުރިން އެ މަހާނަ ގާތައް ނަގައިގެން ގެންދިއުމަށް އެ އިއުލާނުގައި ބުންޏެވެ.
އެ މުއްދަތުގައި ނުގެންދާ މަހާނަ ގާތައް އެ އިދާރާގެ ފަރާތުން ނެގުމަށް ފަހު އެ ގާތައް ނައްތާލެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ހެންވޭރު ސަހަރާ ހުސްކުރާއިރު، މާފަންނު ސަހަރާ ހުސްކުރުމުގެ މަސައްކަތް ވެސް މިދިޔަ އަހަރު ފަހުކޮޅު ވަނީ ފަށައިފަ އެވެ.
މާފަންނު ސަހަރާ ހުސްކުރަނީ އެތަނުގައި ޕާކިން ބިލްޑިންއެއް އެޅުމަށެވެ. ނަމަވެސް، ހެންވޭރު ސަހަރާ ހުސްކުރަނީ ކޮން ބޭނުމަކު ކަމެއް ސިޓީ ކައުންސިލުން އަދި ނުބުނެ އެވެ.









