މުރައިދޫގައި އައު ކައުންސިލް އިމާރާތުގެ ބިންގާ އަޅައިފި

އައިޝަތު ރުވާ ރިފްޢަތު | 199 ދުވަސް ކުރިން - 28 ޖެނުއަރީ 2025 11:26
މުރައިދޫގައި އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުން.
މުރައިދޫގައި އައު ކައުންސިލް އިމާރާތުގެ ބިންގާ އެޅުން.
ޚުލާސާ

މި އިމާރާތަކީ ރާއްޖޭގެ ކައުންސިލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތުގެ ތެރެއިން އެއް އިމާރާތް.

ތިލަދުންމަތީ އުތުރުބުރީ މުރައިދޫގައި އައު ކައުންސިލް އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

މި އިމާރާތަކީ ރާއްޖޭގެ ކައުންސިލްތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ފައްޓަވާފައިވާ މަޝްރޫޢުގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިމާރާތުގެ ތެރެއިން އެއް އިމާރާތެވެ. މި 55 އިމާރާތް އެޅުމުގެ މަސައްކަތް ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ހެކްސްޓަރ ގްލޯބަލް އާއިއެވެ.

ހެކްސްޓަރ ގްލޯބަލްއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުންނެވެ. އަދި މި މަޝްރޫޢު ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ 2 އަހަރާއި 6 މަސް ދުވަހުގެ މުއްދަތެކެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ އެހީގައި އިތުރު 50 ކައުންސިލް އިމާރާތް އެޅުމަށް ވެސް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިހާތަނަށް ޖުމްލަ 105 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމަށް ވަނީ އިޢުލާން ކޮށްފައެވެ. މި މަސައްކަތްތައް ނިމުމުން، ރާއްޖޭގެ 70 އިންސައްތަ ކައުންސިލްތަކުގެ ޖާގައިގެ މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން ލަފާ ކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކީ ޖާގައިގެ ދަތިކަން ހުރި ހުރިހާ ކައުންސިލްތަކަކަށް އައު އޮފީސް އިމާރާތްތައް އެޅުއްވުމެވެ. މި ވަޢުދުފުޅު ފުއްދެވުމަށްޓަކައި، ސަރުކާރުގެ އަމާޒަކީ މި ދައުރުގެ ތެރޭގައި ހާލަތު ދަށްކޮށް ހުރި ހުރިހާ ރަށެއްގެ ކައުންސިލް އިދާރާތަކަށް އައު އިމާރާތްތައް ޤާއިމު ކޮށްދެއްވުމެވެ.           

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%