ރޭ ސައުދީ ޕްރޯ ލީގުގައި އަލް ޤަދިޞިއްޔާ އަތުން ވަގުތު އަލް ޙިލާލް ބަލިވެއްޖެ އެވެ. މި މެޗުގައި ޤަދްޞިއްޔާ އިން އަލް ޙިލާލްގެ މައްޗަށް ކުރި ހޯދީ 2-1 އިންނެވެ.
މެޗު ފެށުމާއެކު، ދެ ވަނަ މިނެޓުގައި ޕިއޭ އެމެރިކް އޮބާމަޔަން ވަނީ ލަނޑު ޖަހައި، ޤަދްޞިއްޔާ އަށް ކުރި ހޯދައިދީފަ އެވެ. ނަމަވެސް، ދެ ވަނަ ހާފު ފެށިގެން ފަސް ވަނަ މިނެޓުގައި އަލް ޙިލާލްގެ މާކޮސް ލިއޮނާޑޯ ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަވެފައި އޮއްވައި، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އޮބާމަޔަން ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުން ޤަދްޞިއްޔާ މޮޅުކޮށްދީފަ އެވެ.
މި ނަތީޖާއާ އެކު ވެސް، އަލް ޙިލާލް ވަނީ މިހާތަނަށް ކުޅެފައިވާ 17 މެޗުން 43 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި ހިފަހައްޓާފަ އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެ، ދެ ވަނައިގައި އަލް އިއްތިފާޤަށް ވެސް ލިބެނީ 43 ޕޮއިންޓެވެ. އަލް ޙިލާލް އަތުން މޮޅުވި އަލް ޤަދްޞިއްޔާ އަށް ތިންވަނަ ލިބެނީ 37 ޕޮއިންޓާ އެކުއެވެ. އަލް ނަޞްރު އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ 4 ގައެވެ.