ހުޅުމާލޭގައި ޖައުސާގެ ޕޭރެންޓް ކުންފުނި ކަމަށްވާ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީ ކުރަމުން އަންނަ "ދަ ގާޑަންސް" ޕްރޮޖެކްޓުގެ މަސައްކަތް ނިންމުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަހުގެ ނޯޓިސްއެއް ދީފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، 2017 ވަނަ އަހަރު ފެށި މި ޕްރޮޖެކްޓް ނިންމުމަށް ޖާހަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައިވެއެވެ. ނަމަވެސް މިހާތަނަށް ޕްރޮޖެކްޓް ނިމިފައިނުވާތީ، ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާޠިލުކުރުމުގެ އެންމެ ފަހު މަރުޙަލާގެ ދަށުން ދެވޭ ޤާނޫނީ ނޯޓިސް ދިނުމަށް އެޗްޑީސީގެ ބޯޑުން ނިންމައި، މިއަދު އެ ނޯޓިސް ޖާހަށް ފޮނުވާފައިވެއެވެ.
ނޯޓިސްގައި ބަޔާންކޮށްފައިވާ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ޕްރޮޖެކްޓުގެ ނުނިމި ހުރި މަސައްކަތްތައް ނުނިމިއްޖެނަމަ، އެއްބަސްވުން ބާޠިލުކޮށް ޕްރޮޖެކްޓް ޖާހުގެ އަތުން ނެގުމަށް އެޗްޑީސީގެ ބޯޑުން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
އެޗްޑީސީން މި ފިޔަވަޅު އަޅާފައިވަނީ އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓުތައް ޙަވާލުކުރެވޭނެ މަގު ފަހިކުރުމުގެ ބޭނުމުގައި ކަމަށް އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.









