ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން ޗައިނާގެ ޝަންހާއީއަށް ސީދާ ދަތުރުތައް ފަށައިފިއެވެ.
މިއީ މޯލްޑިވިއަންގެ އައު ވައިޑް-ބޮޑީ މަތިންދާބޯޓުން ޗައިނާގެ ތިންވަނަ މަންޒިލަށް ފެށި ދަތުރުތަކެވެ.
މި ދަތުރުތައް ކުރެވެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި ޝަންހާއީ ޕުޑޮންގް އިންޓަރނޭޝަނަލް އެއަރޕޯޓާ ދެމެދުގައެވެ. މޯލްޑިވިއަންގެ ޗައިނާއަށް ކުރާ ދަތުރުތައް ފަށާފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ޗެންޑޫއަށް ކުރި ދަތުރާ އެކުގައެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ބެއިޖިންގއަށް ވަނީ ދަތުރުތައް ފަށާފައެވެ.
ޝަންހާއީއަށް ކުރި ފުރަތަމަ ދަތުރުގައި ދިވެހިންގެ އިތުރުން ބޭރުގެ ފަތުރުވެރިންވެސް ބައިވެރިވެފައިވެއެވެ.
ޗައިނާގެ ޗެންޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ޗެންޑޫގެ އިތުރުން ބެއިޖިންގެ ދެކޮޅު ޓިކެޓްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އުޅޭއިރު، ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.
މޯލްޑިވިއަންގެ އައު މަތިންދާ ބޯޓަކީ އެއްވެސް ތަނަކު ނުޖައްސާ 13،000 ކިލޯމީޓަރަށް ސީދާ ދަތުރުކުރުމުގެ ކެޕޭސިޓީ ލިބިފައިވާ މަތިންދާ ބޯޓެކެވެ. އެ މަތިންދާ ބޯޓުގައި ތިން ކްލާހެއް ހިމެނޭއިރު، އެއީ ބިޒްނަސް އަށް 18 ގޮނޑި، ފްރިމިއަމް އިކޮނޮމީ 36 ގޮނޑި، އިކޮނޮމީ ކުލާހުގައި 210 ގޮނޑިއާއެކު ޖުމްލަ 264 ގޮނޑިއެވެ.
އެ ބޯޓުން ދަތުރުުކުރާ ކޮންމެ ފަސިންޖަރަކަށް ވެސް 40 ކިލޯގެ ބެގޭޖު އުފުލޭނެ ކަން ފާހަގަކޮށްލެވެއެވެ.
މި ދަތުރުތަކުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެ، ފާހަގަކުރެވޭ ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޗައިނާގެ ފަތުރުވެރިންގެ އިތުރުން، މި ދަތުރުތަކުގެ ސަބަބުން ޗައިނާއިން ރާއްޖެއަށް ކާގޯ އުފުލުމުގެ ފުރުޞަތު ވެސް ވަނީ އިތުރަށް ފުޅާވެގެންގޮސްފައެވެ.









