އެކައުންޓަކުން 100،000ރ. ވަގަށް ނެގި ކަމަށް ތުހުމަތުވާ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ސްކޫނާ، ހުސައިން ޝާހިލް މުހައްމަދު، 22 އެވެ.
އޭނާގެ މައްޗަށް މަކަރާއި ޙީލަތުގެ ތުހުމަތު ފުލުހުން ކުރި ނަމަވެސް އެ ކުށަށް ޝާހިލް އިންކާރުުކޮށްފައިވެއެވެ.
ނަމަވެސް ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރުގެ ބަޔާނާާ ހަވާލާދީ ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބުނީ މަކަރާއި ހީލަތުން 100،000 އަށް ވުރެ ގިނަ ރުފިޔާ އެކައުންޓަކުން ނަގައި އެއިން 95،000ރ. ޖަމާކުރީ ޝާހިލްގެ އެކައުންޓަށް ކަމަށެެވެ.
އޭގެން ބައެއް ފައިސާ ނަގައި އެހެން އެކައުންޓްތަކަށް ޓްރާންސްފާ ކުރިކަން ސްޓޭޓްމަންޓްތަކުން އެނގޭ ކަމަށް ވެސް އަމުރުގައި ބުނެފައިވެއެވެ.
އެ މައްސަލާގައި ދިފާއުގައި ޝާހިލް ބުނީ އެއީ އޭނާގެ ރައްޓެހި އަބްދުﷲ ކިޔާ މީހަކު ކުރި ކަމެއް ކަމަށާއި ޖަމާވި ފައިސާއިން ބައެއް ބޭނުންކުރި ކަމަށެވެ. އަދި ބާކީ ފައިސާ އަބްދުﷲ ބުނެގެން ޓްރާންސްފާކުރީ ކަމަށް ވެސް އޭނާ ބުންޏެވެ.
ކްރިމިނަލް ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.









