އިންޑިއާ އިން ރާއްޖެއަށް ޔޮޓެއްގައި ހަޝިޝް އޮއިލް އެތެރެކުރަން އުޅުނު ހަތަރު މީހަކު އެ ގައުމުގެ ޑިރެކްޓޮރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރުއައި) އިން އަތުލައިގެންފި އެވެ.
އެ މީހުންގެ އަތުން ވަނީ 12 ކިލޯގެ ހަޝިޝް އޮއިލް އަތުލައިގެންފަ އެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޓުޓިކޮރިންއަށް ނިސްބަތްވާ 33 އަހަރުގެ ދެ މީހުންނާއި 56 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.
އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި އެކު ޑީއާރުއައި އިން ވަނީ ޓުޓިކޮރިންގެ ޕޯޓު ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފަ އެވެ.
ހަޝިޝް އޮއިލްގެ މަގުމަތީ އަގަކީ ކިލޯއަކަށް 1.8 މިލިއަން ރުފިޔާ އެވެ. އެހެންވެ، އަތުލައިގަތް ހަޝިޝް އޮއިލްގެ އަގު 21 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެ އެވެ.
މި މައްސަލާގައި ހައްޔަރުކުރި 56 އަހަރުގެ މީހާއަކީ ޔޮޓެއްގެ ކްރޫއެކެވެ. އަދި 30 އަހަރުގެ މީހާއަކީ ސެންޓްރަލް އިންޑަސްޓްރިއަލް ސެކިއުރިޓީ ފޯސް (ސީއައިއެސްއެފް) މީހެކެވެ.
ދިވެހި ފުލުހުން ބުނީ މި މައްސަލައާ ގުޅޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.









