ރާއްޖެ އައި ޗައިނާގެ ޓޫރިސްޓު އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާއި ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ފަށައިފި އެވެ.
ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ސޫ ޒިއޯނިން، 30 ކަމަށެވެ.
ސޫ ޒިއޯނިން ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ޓޫރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހުކަން އެނގިފައިވާ ކަމަށެވެ. އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން އެ މަހުގެ 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި، އެއަށް ފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭ ތަނެއް ވެސް ހޯދިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސޫ ޒިއޯނިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ލަސްނުކޮށް، ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުމަށް އެދޭ ކަމަށެވެ.









