ދައުލަތުގެ ޚަރަދުތައް 68.4 ޕަސަންޓް ދަށްވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ދައުލަތުގެ ޖުމުލަ ޚަރަދުތައް ދަށްވީ، ސަރުކާރުން ޚަރަދުތައް ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި ކަމަށް ފާހަގަކުރެވެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ދައުލަތުގެ ބަޖެޓުން ކުރެވުނު ޚަރަދުތަކާއި ލިބުނު އާމްދަނީގެ ތަފްޞީލީ މަޢުލޫމާތަށް ބަލާއިރު، ބަޖެޓުން ޚަރަދުކުރެވިފައި ވަނީ ޖުމްލަ 261.4 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޚަރަދުކުރީ 828.4 މިލިއަން ރުފިޔާއެވެ.
މިއަހަރު ސަރުކާރުގެ ޢާމްދަނީ ވެސް އިތުރު ވެއްޖެއެވެ. ގްރާންޓްތައް ހިމަނައިގެން ޖުމްލަ އާމްދަނީގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ ރިކަރަންޓް ޚަރަދުތަކާއި އަޅާބަލާއިރު 177.7 އިންސައްތައިގެ އިތުރު އަދަދެކެވެ. ޚާއްޞަކޮށް ޖީ.އެސް.ޓީ އަދި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފައެވެ.
ސަރުކާރުގެ އިދާރީ އަދި ހިންގުމުގެ މަސައްކަތްތަކަށް ކުރެވުނު ޚަރަދުތައް ވެސް ވަނީ ބޮޑުތަނުން ކުޑަކުރެވިފައެވެ. މިއަހަރު 256.6 މިލިއަން ރުފިޔާ ޚަރަދުކުރެވިފައި ވާއިރު، މިދިޔަ އަހަރު ވަނީ 651.6 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. މީގެ އިތުރުން، މުސާރައާއި އިނާޔަތްތަކުގެ އިތުރުން ޕެންޝަން ދިނުމަށް ކުރެވުނު ޚަރަދުތައް ވެސް މިއަހަރު ވަނީ ދަށްވެފައެވެ.









