ޖަރުމަނު ބުންޑަސްލީގާގައި ރޭ ބަޔާ ލެވަކޫސަންއަށް އާރްބީ ލައިޕްޒިގް ބަލި ނުކުރެވުމުގެ ފައިދާ ލިބި ބަޔާން މިއުނިކުން ތާވަލުގައި 6 ޕޮއިންޓުގެ ލީޑެއް ހޯދައިފިއެވެ.
ބަޔާން މިއުނިކް ވަނީ 2-1 އިން ފްރައިބާގް ބަލިކޮށްފަ އެވެ. މި މެޗުގައި ބަޔާން އަށް ލީޑު ނަގައިދިނީ އިނގިރޭސި ތަރި ހެރީ ކޭން އެވެ. މިއީ ކޭން މި މުބާރާތުގައި ޖެހި 23 ވަނަ ގޯލެވެ. ދެވަނަ ހާފުގައި ބަޔާންގެ ލީޑު ފުޅާކޮށްދިނީ ކިމް މިން ޖައޭ އެވެ. ފްރައިބާގުގެ ހަމައެކަނި ގޯލު ޖެހީ މަތިއަސް ގިންޓާ އެވެ.
ބަޔާ ލެވަކޫސަން އާއި އާރްބީ ލައިޕްޒިގް ބައްދަލުކުރި މެޗުގެ ތެރެއިން. ލައިޕްޒިގް ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި އެއްވަރު ކޮށްފައި. / ފޮޓޯ: ބުންޑަސްލީގާ.
ބަޔާ ލެވަކޫސަން އާއި އާރްބީ ލައިޕްޒިގް މެޗު ވީ 2-2 އިން އެއްވަރެވެ. މި މެޗުގައި ލެވަކޫސަން އަށް ދެ ގޯލުގެ ލީޑެއްނަގާފައި ވަނިކޮށް، ލައިޕްޒިގުން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފަ އެވެ.
މި ނަތީޖާތަކާ އެކު، ބަޔާން މިއުނިކް އޮތީ 19 މެޗުން 48 ޕޮއިންޓާ އެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް ލެވަކޫސަން އަށް ލިބުނީ 19 މެޗުން 42 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އައިންޓްރަކްޓް ފްރޭންކްފާޓަށް ލިބިފައި ވަނީ 18 މެޗުން 36 ޕޮއިންޓެވެ.