ބަޔަރން މިއުނިކް އާ އެކު ކުޅޭ ޑީއެފްބީ-ޕޯކަލް މެޗަކީ "ފައިނަލެއް" ފަދަ މެޗެއް ކަމަށް ބަޔަރ ލެވަކޫސަންގެ ކޯޗް ޒާބީ އަލޮންސޯ ބުނެފިއެވެ.
މިދިޔަ މޮސުމުގެ ޑީއެފްބީ-ޕޯކަލް އަދި ބުންޑެސްލީގާ ކާމިޔާބުކުރި ލެވަކޫސަން އިން ބަޔަރން އާ ދެކޮޅަށް ކުޅޭނީ މިރޭ ދަންވަރު އެވެ.
"ކަޕް މެޗަކީ އެންމެ މެޗެއް، މިމެޗަކީ އަޅުގަނޑުމެންނަށް ފައިނަލެއް ފަދަ މެޗެއް. އަލިއަންޒް އެރީނާގައި ކުޅޭ މެޗަށްވުރެ އުނދަގޫ މެޗެއް ނޯންނާނެ." ރައުންޑް 16 ގައި މިރޭ ރާއްޖޭގެ ގަޑިން 12:45 ގައި ކުޅޭ މެޗާއި ބެހޭގޮތުން އަލޮންސޯ ބުންޏެވެ.
ލެވަކޫސަން އަށް މި މެޗުގައި ފޯވާޑް ވިކްޓަރ ބޮނިފޭސް ނުކުޅެވޭނެއެވެ. އަދި ބަޔަރންގެ ޓޮޕް ސްކޯރަރ ހެރީ ކޭން ވެސް ނުކުޅެވޭނެއެވެ. ނަމަވެސް އަލޮންސޯ ބުނީ ޕެޓްރިކް ޝިކް ރަނގަޅަށް ކުޅެމުންދާތީ އުފާވާ ކަމަށެވެ. ޝިކް ވަނީ މިދިޔަ ހަފްތާގައި ކުޅުނު ތިން މެޗުގައި ވެސް ގޯލު ޖަހާފައެވެ.
"ޕެޓްރިކް މިހާރު ހުރީ ވަރަށް ރަނގަޅު ވަގުތެއްގައި،" އަލޮންސޯ ބުންޏެވެ. "އޭނާ ހަމައެކަނި ގޯލު ޖަހަނީ ނޫން. އެހެން ކަންތައްތައް ވެސް ރަނގަަނގަޅަށް ކުރޭ. އެކަމާ އަހަރެން އުފާވޭ."
ލެވަކޫސަން މިހާރު އޮތީ ބުންޑެސްލީގާގެ ޕޮއިންޓް ތާވަލުގައި ބަޔަރންގެ ފަހަތުން 7 ޕޮއިންޓް ދަށުގައެވެ. ބަޔަރން އިން ވަނީ ހޮނިހިރު ދުވަހު ބޮރޫސިއާ ޑޯޓްމުންޑް އާ އެކު 1-1 އިން އެއްވަރުވެފައެވެ.