އެމެރިކާގެ ދެކުނު ސަރަހައްދުގައި ހިނގަމުންދާ އަލިފާނުގެ ހާދިސާތަކާއި ދެކުނު ސަރަހައްދުގައި ކުރިމަތިވެފައިވާ ގަދަ ފިނީގެ ސަބަބުން އެ ޤައުމުގެ ގިނަ ސަރަހައްދުތަކެއް ވަނީ ހަލާކުގެ ތެރެއަށް ވެއްޓިފައެވެ. މި ދެ ކާރިސާގެ ސަބަބުން އެތައް ބައެއްގެ ފުރާނައަށް ނުރައްކާވެ، ގިނަ އަދަދެއްގެ މީހުން ވަނީ ހާލުގައި ޖެހިފައެވެ.
އަލިފާންގަނޑު ފެތުރޭ ބާރުމިނަށް ބަލާއިރު "ޕެލިސޭޑްސް ފަޔަރ" ގައި މިނިޓަކަށް ފަސް ފުޓްބޯޅަ ދަނޑު ވަރުގެ ސަރަޙައްދުތައް ދަނީ އަނދައި ހުލި ވަމުންނެވެ.
މި ހާދިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ވަނީ އެހެން ތަންތަނަށް ބަދަލުކުރަން ޖެހިފައެވެ. ސޭން ޑިއޭގޯ ކައިރީގައި ހިނގަމުންދާ "ބޯޑަރ 2" އަލިފާނުގެ ހާދިސާގައި 4،200 އަށް ވުރެ ގިނަ އޭކަރު ބިން ވަނީ އަނދައި 16000 އަށްވުރެ ގިނަ ޢިމާރާތް ވަނީ އަނދައިފައެވެ. މި އަލިފާން އަދިވެސް ކޮންޓްރޯލް ނުކުރެވޭއިރު 28 މީހުން ވަނީ ކަރުވެފައެވެ.
މި ހަފްތާގެ ނިޔަލަށް ވާރޭވެހުމުގެ ފުރުސަތު އޮތްކަމަށް ބެލެވުނު ނަމަވެސް، އަލިފާނުގެ ސަބަބުން ހަލާކުވެފައިވާ ސަރަހައްދުތަކުގައި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ނުރައްކާ އޮތްކަމަށް އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން ލަފާ ކުރެއެވެ. މިކަމުގެ ސަބަބުން އިތުރު ފުރާނަތަކަކާއި މުދަލަށް ގެއްލުން ލިބިދާނެކަމުގެ ބިރު އެބައޮތެވެ.

އަނެއްކޮޅުން، އެމެރިކާގެ ދެކުނު ސަރަހައްދުގައި ކުރިމަތިވެފައިވާ އާދަޔާއި ޚިލާފު ސުނޯ ތޫފާނުގެ ސަބަބުން މިހާތަނަށް މަދުވެގެން 10 މީހަކު ވަނީ މަރުވެފައެވެ. އަދި 1،500 މޭލުގެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންނަށް ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. ކަރަންޓު ކެނޑި، މަގުތައް ގަނޑުވެ، ފިނިކަން ގަދަވުމުގެ ސަބަބުން އެތައް މިލިއަން ބައެއްގެ ދިރިއުޅުން ވަނީ ހުއްޓުމަކަށް އައިސްފައެވެ.









