ހުޅުމާލޭގެ ދެ ސްކޫލެއްގެ ސެން ކްލާސްރޫމްތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެހީގައި ތަރައްޤީކޮށްފިއެވެ.
އެ ބޭންކުން މިއަދު ބުނީ މަޢުއަށް އެހީވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލާއި ހިރިޔާ ސްކޫލުގެ ސެން ކްލާސްރޫމްތައް ތަރައްޤީކުރުމުގެ ސަބަބުން، އެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 200 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލްއިން މި ދެ ސްކޫލަށް ފޯރުކޮށްދިން އެހީގެ ތެރޭގައި ކްލާސްރޫމްތައް މަރާމާތު ކުރުމާއި، ކުދިން އުނގެނުމަށް ބޭނުންކުރާ ތަކެތި ހިމެނެއެވެ. އަދި މި ކްލާސްރޫމްތަކަށް ހަދިޔާކުރެވުނު ތަކެއްޗަކީ ކުދިންގެ ޤާބިލުކަމާއި، އެހެން މީހުންނާއި ގުޅިގެން މުޖުތަމަޢުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްޤީ ކުރުމަށާއި، އެ ކުދިންގެ ތަޢުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބޭންކުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ބޭންކުން ހަދިޔާކޮށްފައި ވެއެވެ. މީގެ އިތުރުން، ޢިމާދުއްދީން ސްކޫލުގައި ތެރަޕީ ރޫމެއް ޤާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާއި، އަތޮޅުތެރޭގެ ސްކޫލުތަކުގެ ކޮމްޕިއުޓަރ ލެބް ތަރައްޤީ ކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.









