މިދިޔަ އަހަރާ އަޅާބަލާއިރު، މި އަހަރަށް ކަނޑައެޅި މުދަލު ޒަކާތުގެ ނިސާބު ދަށްވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނީ އިއްޔެ އިން ފެށިގެން މުދަލު ޒަކާތުގެ ނިސާބަކީ 8،800.05ރ. ކަމަށެވެ. މީގެ ކުރިން އެންމެ ފަހުން ޒަކާތުގެ ނިސާބަކަށް ކަނޑައަޅާފައި އޮތީ 9240.35ރ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެންނެވެ.
ނިސާބު ހަމަވާ ވަރަށް އަތުގައި ފައިސާ ހުރެ، ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 40 ބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ނެރުން، ދީނީ ގޮތުން ވާޖިބުވެ އެވެ. ޕަސެންޓްގެ ގޮތުން ބަލާ ނަމަ އެއީ 2.5 ޕަސެންޓެވެ.
Advertisement

ނިސާބަށް ބަދަލު ގެންނަނީ ދުނިޔޭގެ ބާޒާރުގައި ރަންރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެންނެވެ.
މުދަލު ޒަކާތުގެ ނިސާބުގެ މިންވަރު ކަނޑައެޅުމުގައި ފައިސާ ރިހިން އަގުކުރުމަކީ ރާއްޖެ ފަދަ ކުދި ގައުމުތަކުގައި ފަގީރުންނަށް އެންމެ ފައިދާ ބޮޑު ގޮތް ކަމުގައި އިލްމުވެރިން ވިދާޅުވާ ކަމަށް މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ.







