ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތައް ނައްތާލައިފި އެވެ.
ފުލުހުން ބުނީ އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ފުޅިތަކެއް މިދިޔަ އަންގާރަ ދުވަހު ނައްތާލާފައިވާ ކަމަށެވެ.
ނައްތާލާފައި ވަނީ 471 ފުޅި ބަނގުރަލާއި 497 ދަޅު ބިޔަރެވެ.
ފުލުހުން ބުނީ މި ތަކެއްޗަކީ ދާލު އެއާޕޯޓުން ފުރަންދިޔަ ޓޫރިސްޓުންގެ އަތުން ހިފަހައްޓާފައި ހުރި އެއްޗެހި ކަމަށެވެ.
ބަނގުރާ ނައްތާލުމުގެ މަސައްކަތް ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކާ އެކުލަވައިލާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ވެސް ފުލުހުން ބުންޏެވެ.









