މާލޭގެ މަޖީދީމަގުގައި ހުންނަ އެޕަލް ޓްރީ ފިހާރައިގެ ގުދަނުގައި ރޭ ފަތިހު ރޯވި އަލިފާނުގެ ސަބަބުން ގެދޮރު ގެއްލުނު 22 މީހަކަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި، އަލިފާނުގެ ދުމުގެ ސަބަބުންނާއި އިމާރާތަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 10 ގޭބިސީއެއްގެ 33 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ބޭނުންވެފައިވެއެވެ. މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިންނާއި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ބިދޭސީ އެއް އާއިލާ ވަނީ އަމިއްލަ ވަގުތީ ބޯހިޔާވަހިކަމަކަށް ބަދަލުވެފައި ކަމަށާއި، 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން މަޢުލޫމާތު ދީފައިވެއެވެ.






