ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މިއަދުގެ ތިންވަނަ މަންޒިލް ކަމަށްވާ އެ އަތޮޅު ރަސްމާދޫ އަށް ވަޑައިގެންނެވުމުން، އެރަށު ކުދިބޮޑު ރައްޔިތުން ނުކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
މިއަދުގެ ކުރީކޮޅު ރައީސް ވަޑައިގެންނެވި ހުޅުދުއްފާރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމް މެޝިންތައް ބެހެއްޓުމަށް އެއްބަސްވުމުގައި ސޮއިކުރެވުނެވެ. އަދި ރައީސް ވަނީ އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި، ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢު އަވަހަށް ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ދެން ވަޑައިގެންނެވި މަޑުއްވަރީގައި ރައީސް ވަނީ އައު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައިދެއްވާފައެވެ. މިއީ ދެފަންގިފިލާގެ ޢިމާރާތެކެވެ.
ރަސްމާދޫގައި ވެސް ކައުންސިލް އިދާރާއެއްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. މީގެ އިތުރުން އެރަށު ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވާނެ ކަމަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ވެސް ބައްދަލުކުރައްވާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެނގިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ރަސްމާދޫގައި ވެސް ބީއެމްއެލްގެ އޭޓީއެމް ޤާއިމްކުރުމަށް އެއްބަސްވުމުގައި ސޮއިކުރެވޭނެއެވެ
ރައީސްގެ މި ދަތުރުފުޅަކީ ރައްޔިތުންގެ ޙާލަތު ގާތުން ބެއްލެވުމަށާއި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ހާލަތު ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ ގިނަ މަޝްރޫޢުތަކެއް އިޢުލާންކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.









