ރާއްޖޭގައި ހިންދޫ ދީނުގެ ރޫހާނީ ފަރުވާ އާއި ފާލުބެލުމުގެ ޚިދުމަތް ދިނުމަށް ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދިޔަ ބިދޭސީންގެ ބަޔަކު މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި ފާލުބެލުމުގެ ޚިދުމަތް ދޭން އުޅުނު އިންޑިއާގެ ތިން މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. މި ތިން މީހުންނަކީ އުމުރުން 18 އަހަރާއި 25 އަހަރާއި 39 އަހަރުގެ ފިރިހެނުންނެވެ. އެ އެންމެން ވެސް ހިފަހައްޓާފައި ވަނީ އެ މީހުންނަށް ދޫކޮށްފައިވާ ވިސާއާއި ޚިލާފުވެގެން ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
"މާސްޓަ ދުރްގާ ރާއޯ ގުރުޖީ" ކިޔާ ފޭސްބުކް ޕޭޖެއްގައި ޖަހާފައިވާ އިޝްތިހާރުތަކުގައި ބުނެފައިވަނީ، އެ މީހުންނަކީ ފާލުބެލުމާއި ސިހުރު ރަނގަޅު ކުރުމުގެ ފަރުވާ އާއި ސިއްޙީ މައްސަލަތަކާއި ކައިވެނީގެ މައްސަލަތަކަށް ޙައްލު ހޯދައިދޭ ބައެއް ކަމަށެވެ. އެޕޮއިންޓްމަންޓް ހެދުމަށް ރާއްޖޭގެ ފޯނު ނަންބަރެއް ވެސް އެ އިޝްތިހާރުގައި ޖަހާފައިވެއެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި ތިން މީހުން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ކުރިން 2023 ވަނަ އަހަރު ވެސް ހިންދޫ ދީނުގެ މީހަކު މާލޭގައި އެ ދީން ފަތުރަން ހަރަކާތްތަކެއް ބާއްވަން އުޅުނު މައްސަލައެއް ފެންމަތިވެ، އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.
ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކުގެ ޝިޢާރު ފާޅުކުރުމާއި އެފަދަ ދީންތައް ފެތުރުމަކީ ޤާނޫނީ ގޮތުން މަނާ ކަމެކެވެ.









