ތުރުކީގެ އުތުރުގައި ހުންނަ ކަރްތަލްކަޔާ ސްކީ ރިސޯޓުގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 66 މީހުން މަރުވެ، 51 މީހުން ޒަޚަމްވެއްޖެ ކަމަށް އެ ގައުމުގެ އިދާރާތަކުން ބުނެފިއެވެ.
ބޯލޫ ސަރަހައްދުގެ ގަވަރުނަރު އަބްދުލްއަޒީޒް އައިދިން ވިދާޅުވި ގޮތުގައި، މި އަލިފާން ރޯވީ ހޮޓަލުގެ ރެސްޓޯރަންޓް ސަރަހައްދުން ތުރުކީ ގަޑިން ފަތިހު 3:27 ގައެވެ. އަލިފާން ގަނޑު މުޅި އިމާރާތަށް ފެތުރުނެވެ.
އެ ސަރަޙައްދަކީ ފަތުރުވެރިން ސްނޯ ކުޅިވަރުތަކަށްދާ މަޝްހޫރު ފަރުބަދަމަތީ ސަރަޙައްދެވެ. އަވައްޓެރި ސިޓީތަކުން ކުއްލި ނުރައްކަލުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީމުތައް ފޮނުވިއިރު، މީގެ ތެރޭގައި ފަޔަރ ފައިޓަރުންނާއި، ކާރިސާއަށް އިޖާބަދޭ ޔުނިޓްތަކާއި، ހެލިކޮޕްޓަރުތަކުގެ އެހީގައި މަސައްކަތްކުރި މެޑިކަލް ޓީމުތައް ހިމެނެއެވެ.
އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، ހޮޓަލުގައި ތިބި 230 އެއްހާ މީހުން އެތަނުން ނެރެވުނެވެ.









