ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދުގެ ތިންވަނަ ރަށަކަަށް ދެން ވަޑައިގަންވާނީ އަނގޮޅިތީމަށެވެ.
އަނގޮޅިތީމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ އެއަތޮޅު ވާދޫއާއި ރަސްގެތީމަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ.
ރ. ވާދޫގައި ދިމާވެފައިވާ ބަނދަރުގެ މައްސަލައާއި ގޯތީގެ މައްސަލަ އަށް ހައްލު ހޯއްދަވައިދެއްވާނެ ކަަމަށާއި އިޢާދަކުރަނިވި ހަކަތައިގެ ރާއްޖޭގެ މޮޑެލްއަކަށް އެރަށް ހަދަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވިކަން ފާހަގަ ކުރެވެއެވެ.
ރައީސް ވިދާޅުވީ ރަސްގެތީމުގައި ވެސް ތަރައްޤީގެ ޙަޤީޤީ ކުލަ ޖައްސަވާނެ ކަމަށެވެ. އޭގެތެރޭގައި އެރަށުގެ ބަނދަރާއި، ސްކޫލާއި، ފުޓްސެލް ދަނޑާއި ޞިއްޙީ ކަންކަން އިތުރަށް ތަރައްޤީކުރުން ވެސް ހިމެނެއެވެ.
"އެހެންވީމަ އެ މަސައްކަތުގެ ތެރެއިން އައިސް މިހިސާބަށް މި އާދެވުނީ، ނިމިގެންދިޔަ އަހަރާއި ހިލާފަށް މި އަަހަރު ތެރޭގައި، ކެމްޕެއިންގައި އަޅުގަނޑު ދެންނެވި ކަންކަން އަމަލީ ގޮތުން ކޮށްދޭނަން، އެގޮތުގެ މަތިން ބަލާއިރުގައި އަޅުގަނޑު ދެންނެވި ހުރިހާ ކަމެއް މި އަހަރު ތެރޭގައި ފަށައި، ގިނަ ކަންކަން ނިންމައިދިނުމަކީ ސަރުކާރުގެ އަޒުމަކީ އަދި ޕްލޭނަކީވެސް،" ރަސްގެތީމު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގެ ސަބަބުން ތަރައްޤީގައި ރައްޔިތުންގެ ޚިޔާލު ގާތުން އޮޅުންފިލުވައި އެރަށެއްގެ ރައްޔިތުން ބޭނުންވާ ގޮތަށް އެރަށެއް ތަރައްޤީ ކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ.









