ޗައިނާ އާއި ރާއްޖެއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިމްޕޯޓްކުރި 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާކޮށްފި އެވެ.
ކަސްޓަމްސް އިން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ ޗައިނާ-ރާއްޖެ މިނިވަން ވިޔަފާރިގެ އެއްބަސްވުމުގެ ދަށުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރި 1.9 މިލިއަން ރުފިޔާގެ މުދާ ކްލިއާކޮށްފައިވާ ކަމަށެވެ.
އެއީ ވައިގެ މަގުން ރާއްޖެއަށް އެތެރެކުރި 882،381ރ. ގެ އަގުހުރި ނުވަ ޝިޕްމެންޓާއި ކަނޑުމަގުން އެތެރެކުރި 1،040،875ރ. ގެ އަގުހުރި ތިން ޝިޕްމެންޓުގެ މުދާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ރާއްޖެ އާއި ޗައިނާ އިން ސޮއިކޮށްފައި އޮންނަތާ ގިނަ އަހަރުތަކެއް ފަހުން، އެ އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ މަޝްވަރާތައް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ގައި މަގާމާ ހަވާލުވެވަޑައިގެން ޖެނުއަރީ 2024 ގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގެ މުއާމަލާތްތައް އެއް ބިލިއަން ޑޮލަރަށް އިތުރު ކުރެވޭނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެ އެވެ. އެ ގައުމާ އެކު މިހާރު ކުރަމުން އަންނަ ވިޔަފާރީގެ މުއާމަލާތަކަށް ވެސް 700 މިލިއަން ޑޮލަރު އަރަ އެވެ.









