އެމެރިކާގެ 47 ވަނަ ރައީސްގެ ގޮތުގައި ޑޮނަލްޑް ޓްރަމްޕް ހުވައި ކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެމަނިކުފާނަށް މަރުޙަބާ ދަންނަވައިފިއެވެ.
ރައީސް ކުރެއްވި އެކްސްގައި ވިދާޅުވީ، މިހާރު ދުނިޔެ އޮތީ ނުރައްކާތެރި އަދި ޔަޤީންކަން ނެތް ޙާލަތެއްގައި ކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ޤައުމާއި ޙަވާލުވެ ވަޑައިގަންނަވާއިރު، ރައީސް ޓްރަމްޕަށް ޙިކުމަތްތެރިކަމާއި ކެތްތެރިކަން ލިބިވަޑައިގަތުން އެދި ދުޢާ ދަންނަވާ ކަމަށެވެ.
މީގެއިތުރުން، ރައީސް މުޢިއްޒު ފާހަގަކުރެއްވީ ދުނިޔޭގެ ސުލްޙަ އަށްޓަކައި ދިވެހިރާއްޖެއާއި އެމެރިކާގެ މަޤްޞަދުތައް ޙާޞިލު ކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި ކުރިއްސުރެ އޮތް، ދެފަރާތަށް ވެސް ފައިދާހުރި ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އައު އިދާރާ އާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެ ބޭނުންވާ ކަމެވެ.
ރައީސް ޓްރަމްޕް މީގެ ކުރިން ވެސް 45 ވަނަ ރައީސްގެ ގޮތުގައި އެމެރިކާގެ ރައީސްކަން ކުރެއްވިއެވެ. ކުރިން އެމެރިކާގެ ރައީސް ކަމާއި ޙަވާލުވެ ވަޑައިގަތީ 20 ޖަނަވަރީ 2017 ގައެވެ. އެމަނިކުފާނަކީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައި، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ބޭފުޅެކެވެ.









