ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް މި އަހަރު ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މާލޭގައި ކަދުރު ބެހުން ކުރިއަށް ގެންދާނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ވެެސް ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް އިސްލާމީ މަރުކަޒު ޖަލްސާ ކުރާ މާލަމުގައި ކަމަށެވެ.
މި އަހަރު ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފަ އެވެ.
މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ތެރެއިން ކަދުރު ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ. ސަޢުދީން މި އަހަރު ލިބުނު ކަދުރުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓު ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
ގޭބިސީތަކަށް ކަދުރު ބަހަނީ، އެ ގޭބިސީއެއްގެ ކަރަންޓު މީޓަރު ނަންބަރަށް ބަލައި، އަދި ކަދުރާ ހަވާލުވާ މީހެއްގެ އައިޑީކާޑު ބެލުމަށް ފަހުގަ އެވެ.
ރަށްރަށުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލްތަކުންނެވެ.
ޖަމިއްޔާ ޖަމާޢަތްތަކުގެ ތެރެއިން ރޯދަ މަހު އިފްތާރު ޕްރޮގްރާމް ނުވަތަ ރޯދަވީއްލުމުގެ އިންތިޒާމު ހަމަޖައްސައިދޭ ޖަމިއްޔާތަކަށް ވެސް ކަދުރު ދޭ ގޮތަށް މިފަހަރު ވަނީ ހަމަޖައްސައިފަ އެވެ. އެކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކުންނަން ނޯޓުކުރުމަށް އިސްލާމިކް މިނިސްޓްރީ ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
ސަޢުދީ ސަރުކާރުން ކޮންމެ އަހަރު ވެސް ރޯދަމަހާ ދިމާކޮށް ރާއްޖެއަށް ކަދުރު ހަދިޔާކުރެ އެވެ.









