ދެކުނު ކޮރެޔާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލްގެ ބަންދުގެ މުއްދަތު އިތުރުކުރުމާއި ގުޅިގެން، އޭނާއަށް ތާއީދުކުރާ ގިނަ އަދަދެއްގެ ޢާންމުން ކޯޓު ތެރެއަށް ވަދެ، ބޮޑެތި ގެއްލުންތަކެއް ދީފިއެވެ. މި ހާދިސާ ހިނގާފައިވަނީ ޔޫންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން އަމުރު ކުރުމާއި ގުޅިގެންނެވެ.
ޔޫން ހައްޔަރުކުރެވުނީ،މިދިޔަ ޑިސެމްބަރު 3 ވަނަ ދުވަހު ކުއްލި ޙާލަތު އިޢުލާނުކޮށް ފިތުނަ އުފެއްދުމުގެ ތުހުމަތުގައެވެ. މިއީ ދެކުނު ކޮރެޔާގެ ތާރީޚުގައި ރައީސްކަމުގައި ހުރި މީހަކު ހައްޔަރުކުރެވުނު ފުރަތަމަ ފަހަރެވެ.
ޔޫންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމާ ގުޅިގެން، އޭނާއަށް ތާއީދުކުރާ އެތައް ހާސް ބަޔަކު ކޯޓު ކައިރިއަށް ޖަމާވިއެވެ. ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓުން އަމުރުކުރުމާއެކު، ގިނަ ބަޔަކު ފުލުހުންގެ ސަފުތައް ފޫއަޅުވާލައި ކޯޓުގެ އިމާރާތަށް ވަދެ، ބޮޑެތި ގެއްލުންތަކެއް ދިނެވެ.
މި ހަމަނުޖެހުންތަކުގައި 46 މީހުން ހައްޔަރުކުރެވުނު ކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި 9 ފުލުހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ވެސް ރިޕޯޓު ކުރެވިފައިވެއެވެ.
ދެކުނު ކޮރެޔާގެ މިހާރުގެ ރައީސް ޗޯއި ސެންގ-މޮކް ވަނީ މި ޣައިރު ޤާނޫނީ ޢަމަލުތައް ކުށްވެރިކުރައްވައި، މުސްތަޤުބަލުގައި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
ކޯޓުން ވަނީ ހެކި ނައްތާލުމުގެ ފުރުޞަތު އޮތް ކަމަށް ބުނެ، ޔޫން އިތުރު 20 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން، ދުސްތޫރީ ކޯޓުން ވަނީ ޔޫންގެ މައްޗަށް ދުސްތޫރީ ކުށެއްގެ ދަޢުވާ ސާބިތުވެފައިވާތީ، އޭނާގެ ޝަރީޢަތް ފަށާފައެވެ. މި ޝަރީޢަތުގައި ޔޫން ރައީސްކަމުގެ މަޤާމުގައި ދެމިހުރުމާމެދު ގޮތެއް ނިންމާނެއެވެ.






