ބަނގުރާ ގެންގުޅުނު ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ، މުހައްމަދު އާރިފް މިއާ، 31 ކަމަށެވެ. އޭނާ ޑީޕޯޓްކުރުމަށް އިމިގްރޭޝަންއާ މިހާރު ވަނީ ހަވާލުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މީހާ ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަންގައި އޭނާއާ ގުޅުންހުރި ކަމަށް ބެލެވޭ ތަނެއް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި (1.05 ގްރާމް) 92 ފުޅި ބަަނގުރާ ފެނިފައިވާ ކަމަށް ބުންޏެވެ.
މި އޮޕަރޭޝަނަކީ ބަނގުރަލާއި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.









