ފެމެލީ ކޯޓުގައި މިދިޔަ އަހަރު 2،000 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ފެމެލީ ކޯޓުން މިއަދު ވަނީ އެ ކޯޓުގެ މިދިިޔަ އަހަރު ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ.
އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ އަހަރު އެ ކޯޓަށް ވަނީ 2،293 މައްސަލަ ހުށަހަޅައިފަ އެވެ. އެ މައްސަލަތަކާއި 2023 ވަނަ އަހަރު ހުށަހަޅައި، ނުނިމި ހުރި މައްސަލަތަކާ އެކު، 2،370 މައްސަލައެއް އެ ކޯޓުން މިދިޔަ އަހަރު ނިންމާފައިވެ އެވެ.
ކޯޓަށް ހާޒިރުވުމަށް އަންގައި މިދިޔަ އަހަރު 12،096 އަމުރު ފޮނުވާފައިވާ ކަމަށް ވެސް ފެމެލީ ކޯޓުން ބުންޏެވެ.
މިދިޔަ އަހަރު ވަނީ 4،101 ޝަރީއަތުގެ އަޑުއެހުން ވެސް ބާއްވައިފަ އެވެ.
އާއިލީ މައްސަލަތައް ހައްލުކުރުމާ ބެހޭ ބަޔަށް 227 މައްސަލައެއް ހުށަހެޅި އިރު، 119 މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދެވުނު ކަމަށް ފެމެލީ ކޯޓުން ބުންޏެވެ.
ފެމެލީ ކޯޓުން ބުނި ގޮތުގައި، ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށާއި ވަރިވެފައިވާ ދެމީހުންގެ ދަރިން ބެލުމާ ގުޅޭ ގޮތުން ހަ އެއްބަސްވުން ލިޔުމުން ވެފައިވެ އެވެ.