މިސްކިތެއްގެ ހުރުމަތް ކެނޑޭފަދަ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯއެއްގެ މައްސަލަ އިސްލާމިކް މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއަކީ ތ. ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ފިރިހެނުންނާއި އަންހެނުން ގުޅިގެން ކުޅިވަރު ކުޅޭތަން ފެންނަ ވީޑިއޯއެކެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި އެތަނުގައި އެ ހަރަކާތެއް ހިންގާފައި ވަނީ ބިދޭސީންނެވެ. އެ ވީޑިއޯގައި ފެން އަޅާ ތައްޓެއް ބޮލަށް ލައިގެން ދެ މީހަކު ރޭސް ޖަހާ މަންޒަރު ފެންނަ އިރު، އެތަނުގައި އެ ވަގުތު ހުރީ ލަވަވެސް ޖަހާފައެވެ.
މީގެ އިތުރުން މާތްﷲ ގެ ކަލާމްފުޅާއި ގުރުއާނުގެ އެކި ކުރެހުންތައް އެ ޢިމާރާތުގެ ތެރޭގައި ހުރި މަންޒަރު ވެސް ވީޑިއޯއިން ފެނެއެވެ.
މިނިސްޓަރ ވިދާޅުވީ މިސްކިތްތަކުގެ ޙުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނާއި ޤަވާޢިދުގެ ދަށުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.









