ދިފާއީ، ވިޔަފާރި، ހަކަތަ އަދި ހަނގުރާމައަށްފަހު އަލުން ބިނާކުރުމުގެ ދާއިރާތަކުގައި ގުޅުން ބަދަހިކުރުމަށް 100 އަހަރުގެ އެއްބަސްވުމެއްގައި ޔުކްރެއިންއާއި އިނގިރޭސީންނާއި ދެމެދު ސޮއި ކޮށްފިއެވެ.
މި އެއްބަސްވުން އިއުލާންކޮށްފައިވަނީ އިނގިރޭސި ބޮޑުވަޒީރު ސަރ ކީރް ސްޓާމަރ ކީވްއަށް ކުރެއްވި ދަތުރުފުޅެއްގައެވެ.
މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި ޔުކްރެއިންގެ ސިފައިންނަށް ތަމްރީނު ދިނުމާއި ކަޅު ކަނޑު، އަޒޯވް ކަނޑު އަދި ބޯލްޓިކް ކަނޑުގެ ސަލާމަތީ ފިޔަވަޅުތައް ހަރުދަނާކުރުން ހިމެނެއެވެ. މިއީ ރަޝިއާގެ ނުރައްކާ ތަކުން ސަލާމަތް ވުމަށް އެޅި ފިޔަވަޅެކެވެ.
މީގެ އިތުރުން ޔުކްރޭނުގެ އިޤްތިޞާދަށް އެހީތެރިވުމަށް އިތުރު 40 މިލިއަން ޕައުންޑް ހަމަޖެއްސުމާއި، އިނގިރޭސި ކުންފުނިތަކަށް ޔުކްރެއިންގައި އިންވެސްޓްކުރުމުގެ އިތުރު ފުރުސަތުތައް ހުޅުވާލުން ވެސް ހިމެނޭ ކަމަށް ޚަބަރުތައް ބުނެއެވެ.
ނަމަވެސް މި އެއްބަސްވުމުގައި ޔުކްރެއިންގައި އިނގިރޭސި ސިފައިން ދާއިމީކޮށް ބޭތިއްބުމެއް ނުހިމެނެއެވެ.









