ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމެއްގައި، އެ ޤައުމުގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ މައްޗަށް 2008 ވަނަ އަހަރު ސާބިތުކޮށްފައިވާ ހިޔާނާތުގެ ކުށްތައް ބާތިލުކޮށްފިއެވެ.
ކޯޓުން ބުނީ ހާލިދާ ޒިޔާގެ މައްޗަށް މި ކުށްތައް ސާބިތުވާނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
ހާލިދާ ޒިޔާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ބަންގްލަދޭޝްގެ ޔަތީމްޚާނާއަކަށް ބޭރުގެ އެހީގެ ގޮތުގައި ލިބުނު 173,000 ޑޮލަރަށް ހިޔާނާތްތެރިވި ކަމަށެވެ. މި މައްސަލައިގައި 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ހައި ކޯޓުން ވަނީ ހާލިދާ ޒިޔާއާއި އޭނާގެ ދަރިކަލުން ތޯރިގު ރަހްމާނާއި އިތުރު ބަޔަކު ކުށްވެރިވާ ކަމަށް ނިންމައި، ހާލިދާ ޒިޔާ 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައިވަނީ ހައި ކޯޓުގެ ހުކުމް ބާޠތިލުކޮށް، ހާލިދާ ޒިޔާގެ މައްޗަށް އެ ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައެވެ. މި ނިންމުމާ ގުޅިގެން ކުރިއަށް އޮތް ބަންގްލަދޭޝްގެ އާންމު އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުޞަތު ހާލިދާ ޒިޔާއަށް ލިބިވަޑައިގަތުމަށް މަގުފަހިވެގެން ދާނެއެވެ.









