މާރާމާރީގެ މައްސަލައެއްގައި މިއަދު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާރާމާރީގެ މައްސަލައިގައި ހައްޔަރުކުރީ މ. މާކަނާ، އުމުރުން 30 އަހަރުގެ އަޙްމަދު ޝައިރަފް އަބްދުއްރަހީމްއެވެ. އޭނާ ކޯޓަށް ހާޒިރުކުރުމުން، 10 ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުންގެ ރެކޯޑްތަކުން ދައްކާ ގޮތުގައި، އަޙްމަދު ޝައިރަފް އަބްދުއްރަހީމްއަކީ މިދިޔަ އަހަރު ސައިކަލެއް ފޭރުނު މައްސަލައެއްގައި ހައްޔަރުކުރެވުނު މީހެކެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކުރެވުނީ ގުލާބީމަގުން ފަތިހުގެ ވަގުތެއްގައި ސައިކަލެއް ފޭރުނު ކަމުގެ ތުހުމަތުގައެވެ.
އެ މައްސަލައިގައި ވެސް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.









