ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖެއިން ގެންގުޅޭ ޚާރިޖީ ސިޔާސަތަށް ބަދަލު ނާންނަކަން ވަޒީރު ފާހަގަކުރައްވާފައި މިވަނީ، ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ރާއްޖެއިން ވަކިކޮޅެއް ނަގާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެންނެވެ.
ޚާރިޖީ ވަޒީރު ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ރާއްޖެއިން ބައިނަލްއަޤްވާމީ މައިދާނުގައި ގެންގުޅެމުން އަންނަ ޒަމާންވީ ސިޔާސަތުތަކަށް ބަދަލު އައިސްފައި ނުވާކަމަށެވެ. އަދި މިކަން ރާއްޖެއިން އދ. ގައި ވޯޓު ދެމުން އަންނަ ގޮތަށް ބެލިނަމަވެސް ސާފުވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތުގެ ތަޞައްވުރު ވަޒީރު ތަކުރާރު ކުރެއްވިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެންވަނީ އެއްވެސް ޤައުމަކާއި ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގެ މައްޗަށް އެ ސިޔާސަތު ބިނާވާކަމަށް ވަޒީރު ވިދާޅުވިއެވެ.









