ޓޫރިޒަމް މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ފުރަތަމަ ދެ ހަފުތާގައި ރާއްޖެއަށް 90،659 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ 2024 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރި 83،966 ފަތުރުވެރިންނާ އަޅާބަލާއިރު 8 ޕަސެންޓްގެ އިތުރުވުމެކެވެ.
މި މުއްދަތުގައި ރާއްޖެއަށް އެވްރެޖްކޮށް ދުވާލަކު 6،476 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ފަތުރުވެރިން އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. ރަޝިއާއިން 12،920 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިޓަލީވިލާތުންނެވެ. އިޓަލީވިލާތުން 10،662 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.9 ޕަސެންޓް ކަމަށްވާ 63،414 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 25 ޕަސެންޓް ކަމަށްވާ 22،684 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.
މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމުގެ ޚިދުމަތް ދެމުންދަނީ 172 ރިސޯޓާއި 825 ގެސްޓްހައުސްގެ އިތުރުން 155 ސަފާރީ އަދި 15 ހޮޓަލުންނެވެ. މި ތަންތަނުގައި ޖުމްލަ 61،464 އެނދު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރުކޮށްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.









