"ސިމެދަ" ޕޯޓަލް މެދުވެެރިކޮށް ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުއްޓާލަން ނިންމައިފިއެވެ.
އީސީން ބުނީ މިހާރު ބޭނުންކުރަމުން އަންނަ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން މި މަހުގެ 30 ގެ ނިޔަލަށް ހުއްޓާލުމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
މިފަދައިން ނިންމާފައިވަނީ ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމް ހަރުދަނާކޮށް ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށް ކަމަށް އީސީން ބުންޏެވެ.
އީސީން ބުނީ މިގޮތަށް ނިންމި ނަމަވެސް މައި ޕޯޓަލް މެދުވެރިކޮށް ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ލިބެމުން ދާނެ ކަމަށެވެ.
އީސީން މިފަދައިން ނިންމާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު، އެބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަޖިސްޓަރީކުރުމަށްޓަކައި އެ ކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، އެކަމާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް އެ ކޮމިޝަނުން ކުރާނެ ކަމަށް ބުނުމަށް ފަހުއެވެ.
އީސީން ބުނީ އެފަދަކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަޤީންކަންއަރުވާ ކަމަށެވެ.









