ދަރިންގެ ޚަރަދު ނުދޭ މީހުންގެ މަޢުލޫމާތު އާންމުކުރަން ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުން ފަށައިފިއެވެ.
މި މަހުން ފެށިގެން ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓާއި ޅ. ހިންނަވަރު މެޖިސްޓްރޭޓް ކޯޓުން ވަނީ ދަރިންނަށް ޚަރަދު ނުދައްކާ މީހުންގެ ވަނަވަރު އާންމުކުރަން ފަށާފައެވެ.
ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ ދަރިންގެ ޚަރަދު ނުދައްކާ މީހެއްގެ މަޢުލޫމާތު ހާމަކޮށްފައެވެ. އަދި މި މަހުގެ ހަތްވަނަ ދުވަހު ހިންނަވަރު ކޯޓުން ވެސް ވަނީ ދަރިންނަށް ޚަރަދު ނުދޭ މީހެއްގެ ވަނަވަރު ހާމަކޮށްފައެވެ.
ކޯޓު ހުކުމާ އެއްގޮތަށް ދަރިންނަށް ޚަރަދު ނުދޭ މީހުންނަކީ ސާބިތު ޚަރަދަށް ފައިސާ ނުދައްކާ މީހެއްގެ ގޮތުގައި ބަލައި، އެމީހުންގެ ވަނަވަރު އާންމުކޮށް އިޢުލާންކުރަން ޢާއިލާއާ ބެހޭ ޤަވާޢިދުގެ ދަށުން ޙުއްދަ ކުރެއެވެ. ނަމަވެސް ފެމެލީ ކޯޓުން ވެސް އަދި ރަށްރަށުގެ ކޯޓުތަކުން ވެސް މިހާތަނަށް އެގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ.
ދަރިންނަށް ޚަރަދު ނަގައި ދިނުމުގެ ޤަވާޢިދުތައް މިހާރު އޮންނަ ގޮތުން ނަގައިދެނީ އެންމެ ކުއްޖެއް ހުރި ނަމަ މަހަކު 2،000ރ. އެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނަވެއްޖެ ނަމަ ކޮންމެ ކުއްޖަކަށް މަހަކު 1،000ރ. އެވެ. އެކަމަކު، ކުއްޖާގެ ބައްޕަގެ ތަނަވަސްކަން ހުރި ނަމަ ނުވަތަ ކުއްޖާއަށް އިތުރު ޚަރަދުތަކެއް ކުރަން ޖެހޭ ނަމަ އެއަށް ވުރެ އިތުރަށް ވެސް ޚަރަދު ނަގައި ދެވޭނެ ކަމަށް އެ ޤަވާޢިދުގައި ބުނެފައިވެއެވެ.