މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ގއ. މާމެންދޫ، މޫނިމާގެ، ނަޒީހް ޝަރީފް، 27 އާއި ފުވައްމުލަކު، ދަޑިމަގު، ވައިގެ، މުހުސިން މުހައްމަދު، 31 އަދި މާލެ، ދަފްތަރު ނަންބަރު ދރ.465، މުހައްމަދު ޝާން އަބްދުލްޣަނީ، 40 ކަމަށެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ ތިން މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 98.37 ގުރާމް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.









