ކޮރެއާގެ މަޝްހޫރު ބޭންޑް ބީޓީއެސްގެ މެންބަރެއް ކަމަށްވާ ޖޭހޯޕް، މި އަންނަ ފެބްރުއަރީމަހު އޭނާގެ ވޯލްޑް ޓުއަރ ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.
މި ޓުއަރގައި ސައުތު އޭޝިއާގެ އިތުރުން ނޯތު އެމެރިކާއަށް ވެސް ދަތުރުކުރުމަށް ޖޭހޯޕް ވަނީ ރާވާފައެވެ. ނަމަވެސް، އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް އަލިފާނުގެ ޙާދިސާތަކުން ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެމެރިކާގެ ދަތުރުގެ ތާރީޚުތަކަށް ބަދަލު އަތުވެދާނެ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
ޖޭހޯޕްގެ މި ޓުއަރަކީ އޭނާ މިލިޓަރީ ޚިދުމަތް ފުރިހަމަކުރުމަށްފަހު ފޭނުންނާ ދިމާވެ ބާއްވާ ފުރަތަމަ ޓުއަރ ކަމުގައި ވުމުން، މިކަމަށް ޚާއްޞަ ސަމާލުކަމެއް ލިބިފައިވެއެވެ.
ކޮރެއާގެ ޤާނޫނުގެ ދަށުން، 18 އަހަރު ފުރިފައިވާ ކޮންމެ ފިރިހެނަކު 1 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް މިލިޓަރީގައި ޚިދުމަތްކުރަން ޖެހެއެވެ. އެގޮތުން، ބީޓީއެސްގެ މެންބަރުންވެސް މި ޚިދުމަތް ފުރިހަމަކުރަން ލާޒިމްވިއެވެ.
ޖޭހޯޕް މިލިޓަރީ ޚިދުމަތް ފުރިހަމަކޮށް އެނބުރި އައީ 2024 ވަނަ އަހަރުގެ އޮކްޓޫބަރު 17 ވަނަ ދުވަހުއެވެ. ބީޓީއެސްގެ މެމްބަރުންގެ ތެރެއިން މިހާތަނަށް މިލިޓަރީ ޚިދުމަތް ފުރިހަމަކޮށްފައިވަނީ ޖިންއާއި ޖޭހޯޕްއެވެ. ބާކީ ތިބި ފަސް މެންބަރުން މި އަހަރުގެ އެކި ދުވަސްވަރު މިލިޓަރީ ޚިދުމަތް ފުރިހަމަކުރުމަށްފަހު އެނބުރި އަންނާނެ ކަމަށް ބެލެވެއެވެ.






