ކޭ-ޕޮޕްގެ ދުނިޔޭގައި އެންމެ މަގުބޫލު ބޭންޑް ކަމަށްވާ ބީޓީއެސްއިން ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، އަލުން ސްޓޭޖަށް އެނބުރި އައުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބާއްވާ ބޮޑު ވޯލްޑް ޓުއާ އިއުލާންކޮށްފި އެވެ. މި ޓުއާގައި ދުނިޔޭގެ އެކި ގައުމުތަކުގައި ޖުމްލަ 79 ކޮންސެޓް ހިމެނޭއިރު، މިއީ މިއަހަރު ބާއްވާނެ އެންމެ ބޮޑު އެއް ޓުއާއަށް ވެގެންދާނެ އެވެ.
މި ޓުއާގެ ތެރޭގައި ލަންޑަން، ޓޯކިޔޯ، މިއުނިކް، ސިޑްނީ އަދި ލޮސް އެންޖަލެސް ފަދަ މަޝްހޫރު ސިޓީތައް ހިމެނެ އެވެ. މިއީ 2018 ވަނަ އަހަރުގެ ފަހުން އެމެރިކާއާއި ދެކުނު ކޮރެއާ ފިޔަވައި އެހެން ގައުމެއްގައި މި ބޭންޑުން ޕާފޯމްކުރާ ފުރަތަމަ ފަހަރެވެ. ބީޓީއެސްއަކީ މީގެ ކުރިންވެސް ކޭ-ޕޮޕް އާޓިސްޓުންގެ މެދުގައި އާމްދަނީގެ އައު ރެކޯޑްތަކެއް ގާއިމްކޮށްފައިވާ ބޭންޑެކެވެ. އެގޮތުން ކުރީގެ ޓުއާތަކުން 246 މިލިއަން ޑޮލަރު ހޯދާފައިވާއިރު، އެ ބޭންޑަކީ ލަންޑަންގެ މަޝްހޫރު ވެމްބްލީ ސްޓޭޑިއަމްގައި ހެޑްލައިނަރެއްގެ ގޮތުގައި ޝޯއެއް ހުށަހަޅައިދިން ފުރަތަމަ ކޮރެއާ ބޭންޑުވެސް މެއެވެ.
އައު ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ 9 އެޕްރީލް 2026 ގައި ދެކުނު ކޮރެއާގެ ގޯޔަންގް ސްޓޭޑިއަމްގައި ބާއްވާ ތިން ރޭގެ ޝޯތަކުންނެވެ. އޭގެ ފަހުން އޭޝިއާ، ޔޫރަޕް އަދި އެމެރިކާގެ އެކި ސިޓީތަކުގައި ޝޯތައް ކުރިއަށްދާނެއެވެ. މި ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ 360 ޑިގްރީގެ ސްޓޭޖެއްގަ އެވެ. މީގެ ސަބަބުން ކޮންމެ ސްޓޭޑިއަމެއްގައިވެސް ގިނަ އަދަދެއްގެ ބަޔަކަށް ވަދެވޭނެ އިންތިޒާމް ހަމަޖެހި، ގިނަ ބަޔަކަށް ޝޯ ބަލާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ޔޫރަޕްގެ ޝޯތަކުގެ ތެރެއިން ލަންޑަންގެ ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައި 6 އަދި 7 ޖުލައި 2026 ގައި ދެ ޝޯއެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ. މީގެ އިތުރުން ޕެރިސް، މެޑްރިޑް، ބްރަސަލްސް އަދި މިއުނިކް ފަދަ ސިޓީތައް މި ޓުއާގައި ހިމެނެއެވެ. ބޭންޑުގެ ވެބްސައިޓުގައިވާ ގޮތުން، 2027 ވަނަ އަހަރު ޖަޕާނާއި މެދުއިރުމަތީގެ އިތުރުން އެހެން ބައެއް ގައުމުތަކުގައި ބާއްވާ ޝޯތަކުގެ ތާރީހުތައް ފަހުން އިއުލާންކުރާނެ އެވެ.
މި ޝޯތަކުގެ ޓިކެޓް ޖެނުއަރީ 22 އިން ފެށިގެން ފޭނުންނަށް ލިބޭނެ ކަމަށާއި، އާންމުކޮށް ހުޅުވާލައިގެން ޓިކެޓް ވިއްކަން ފަށާނީ އޭގެ ދެ ދުވަސް ފަހުން ކަމަށް މައުލޫމާތު ލިބެއެވެ.
ބިލްބޯޑުން ރިޕޯޓްކުރާ ގޮތުގައި، ބީޓީއެސްގެ މި އެނބުރި އައުމާއެކު ކޮންސަރޓްތަކާއި، މާޗަންޑައިޒް، ލައިސެންސިންގ، އަލްބަމް ސޭލްސް އަދި ސްޓްރީމިންގް ހިމެނޭހެން 1 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީއެއް ބޭންޑަށާއި އެމީހުންގެ ރެކޯޑް ލޭބަލް ކަމަށްވާ 'ބިގްހިޓް/ހައިބް' އަށް ލިބޭނެ ކަމަށް ބެލެވެ އެވެ. ފާހަގަކޮށްލެވޭ ގޮތުގައި 2024 ވަނަ އަހަރު ބޭންޑުން މަސައްކަތްތައް މެދުކަނޑާލާފައި އޮތް ދުވަސްވަރު، ހައިބް ކުންފުނީގެ ފައިދާ ވަނީ ގާތްގަނޑަކަށް %37.5 ދަށްވެފަ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މީގެ މައިގަނޑު ސަބަބަކީ ބީޓީއެސްއިން މަސައްކަތްތައް ވަގުތީގޮތުން މެދުކަނޑާލާފައި އޮތުމެވެ.






