ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ދެކުނު ކޮރެއާގެ މިއުޒިކް ބޭންޑް، ބީ.ޓީ.އެސްގެ ސަޕޯޓަރުން މިހާރު އިންތިޒާރު ކުރަމުންދަނީ އާ އަހަރާއެކު އަންނާނެ ބަހާރު މޫސުމަށެވެ. މިއީ ހަމައެކަނި ފިނި މޫސުން ނިމުމަކަށް އަންނާތީ ކުރާ އިންތިޒާރެއް ނޫނެވެ. ކޮރެއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގާތްގަނޑަކަށް ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރު މާޗު މަހުގެ 20 ވަނަ ދުވަހު މި ބޭންޑުގެ އާ އަލްބަމެއް ނެރުމަށް މިހާރު ވަނީ ނިންމާފަ އެވެ.
މި އަލްބަމަކީ 2022 ވަނަ އަހަރުގެ ޖޫން މަހު ނެރުނު "ޕްރޫފް" އަށްފަހު އެ ގްރޫޕުން ނެރޭ ފުރަތަމަ އަލްބަމެވެ. "ޕްރޫފް" ނެރުމަށްފަހު ބޭންޑުގެ މަސައްކަތްތައް މެދުކަނޑާލީ މެންބަރުން ދެކުނު ކޮރެއާގެ އަސްކަރީ ހިދުމަތް ފުރިހަމަކުރުމަށާއި، ވަކިވަކި މެންބަރުންގެ އަމިއްލަ މިއުޒިކީ މަސައްކަތްތައް ނުވަތަ ސޯލޯ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމަށެވެ.
ކޮރެއާގެ ނޫސްތަކުގައި މި ހަބަރު ފެތުރިފައިވާއިރު ބޭންޑު މެނޭޖްކުރާ ބިގްހިޓްއިން ވެސް ވަނީ އެކްސް މެދުވެރިކޮށް ކޮރެއާ ބަހުން ކުރި ޕޯސްޓެއްގައި މިކަން ކަށަވަރުކޮށްދީފަ އެވެ. ރަސްމީކޮށް މިކަން އިއުލާން ކުރުމުގެ ކުރިން ބޭންޑުގެ މެންބަރުން ވަނީ އެމީހުންގެ ސަޕޯޓަރުން ކަމަށްވާ "އާމީ"އަށް ހާއްސަ ސިޓީތަކެއް ފޮނުވާފަ އެވެ. އަތުން ލިޔެފައިވާ މި މެސެޖުތަކުގައި އަލްބަމް ނެރޭ ތާރީހެއްގެ ގޮތުގައި "2026.3.20" ވަނީ ފާހަގަކޮށްފަ އެވެ.

"އާމީ"އަށް ބީޓީއެސްގެ ފަރާތުން ފޮނުވާފައިވާ ސިޓީ---
މި ސިޓީތަކުގައި މެންބަރު އާރްއެމް ލިޔެފައިވާ ގޮތުގައި، އޭނާ ހުރީ އެހެން އެންމެންނަށްވުރެ ބޮޑަށް މި ވަގުތަށް އިންތިޒާރުކޮށްގެންނެވެ. ޖިން ބުނި ގޮތުގައި ވޭތުވެދިޔަ 2023 އަދި 2024 ވަނަ އަހަރު އޭނާ ފެނިގެންދިޔައީ އެކަނި ނަމަވެސް އަލުން މުޅި ޓީމާއެކު ސަޕޯޓަރުންނާ ބައްދަލުވާތީ ވަރަށް އުފާވާ ކަމަށެވެ. ޖޭ-ހޯޕް ލިޔެފައިވަނީ "އެންމެ ފަހުން، މިއީ އަހަރެމެން އެންމެން އެކުގައި ތިޔަ ފޭނުންނާ ބައްދަލުވާނެ އަހަރު" ކަމަށެވެ. މީގެ އިތުރުން ޖަންގްކޫކް ވަނީ މިއަހަރު ވެސް އެމީހުންނަށް ފުރިހަމަ ސަޕޯޓް ދިނުމަށް "އާމީ" އަށް އެދިފަ އެވެ.
އާ އަހަރުގެ މުނާސަބަތުގައި މުޅި ގްރޫޕް އެކުގައި 'ވީވާސް' މެދުވެރިކޮށް ސަޕޯޓަރުންނާ ބައްދަލުކޮށްފައިވާއިރު، ވަރަށް އަވަހަށް މުޅި ދުނިޔޭގައި ބާއްވާ ކޮންސެޓް ދަތުރުތަކެއް ނުވަތަ ވޯލްޑް ޓުވާ ވެސް ބޭންޑުގެ ފަރާތުން ކައިރި މުސްތަގްބަލެއްގައި އިއުލާން ކުރާނެކަމަށް ރިޕޯޓުތަކުން ބުނެއެވެ.






