ކޭ-ޕޮޕްގެ މަޝްހޫރު ބޭންޑް ބީޓީއެސް ދެކޮނު ކޮރެއާގެ އަސްކަރީ ހިދުމަތް ނިންމުމަށްފަހު އެނބުރި އައުން ފާހަގަކުރުމަށް ބާއްވާ ތާރީހީ ޝޯ އާއި ހާއްސަ ޑޮކިއުމެންޓްރީ ނެޓްފްލިކްސް މެދުވެރިކޮށް ދެއްކުމަށް ނިންމައިފި އެވެ.
ނެޓްފްލިކްސްއިން އިއުލާނުކޮށްފައިވާ ގޮތުގައި، ބީޓީއެސް އެނބުރި އައުމަށްފަހު ބާއްވާ ފުރަތަމަ ކޮންސެޓް މާރިޗު މަހުގެ 21 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވަގުތުން ދައްކާނެ އެވެ. ސޯލްގެ ތާރީހީ ގްވަންގްވަމުން ސްކޮޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯއަކީ، އެ ބޭންޑުގެ ފަސްވަނަ އަލްބަމް "އަރީރަންގް" ނެރުމުގެ އުފަލުގައި ބާއްވާ ހަރަކާތެކެވެ. މި އަލްބަމް ނެރުމަށް ހަމަޖެހިފައިވަނީ މާރިޗު 20 ގަ އެވެ.
މި ކޮންސެޓަށްފަހު، "ބީޓީއެސް: ދަ ރިޓާން" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ހާއްސަ ޑޮކިއުމެންޓްރީ ފިލްމެއް މާރިޗު 27 ގައި ނެޓްފްލިކްސްއިން ދެއްކުމަށް ވަނީ ހަމަޖެހިފަ އެވެ. މި ފިލްމުގައި، ބޭންޑުގެ ހަތް މެންބަރުން ކަމަށްވާ އާރްއެމް، ޖިން، ސޫގާ، ޖޭ-ހޯޕް، ޖިމިން، ވީ އަދި ޖަންގްކޫކް ސިފައިންގެ ހިދުމަތަށްފަހު އަލުން ގުޅި، އައު މަސައްކަތްތައް ފެށިގޮތުގެ ފަރުދާގެ ފުރަގަހުގެ މަންޒަރުތައް ފެނިގެންދާނެ އެވެ.
ބީޓީއެސްގެ ރެކޯޑް ލޭބަލް "ހައިބް" އާއި ނެޓްފްލިކްސް ގުޅިގެން މި މަސައްކަތް ފަށާފައިވަނީ، ދުނިޔޭގެ 34 ސިޓީއެއްގައި 82 ދުވަހުގެ މުއްދަތަށް ކުރިއަށްދާ ބޮޑު ވޯލްޑް ޓުއާއަކާއެކުގަ އެވެ. މިއީ 2022 ވަނަ އަހަރު ބޭންޑުގެ މަސައްކަތްތައް މެދުކަނޑާލުމަށްފަހު، ހުރިހާ މެންބަރުން އެކުގައި ބައިނަލްއަގްވާމީ މައިދާނަށް ނުކުންނަ ފުރަތަމަ ފަހަރެވެ.
ނެޓްފްލިކްސްއިން ބުނިގޮތުގައި، މި ޑޮކިއުމެންޓްރީން ފެނިގެންދާނީ "އަލުން ފަށާނީ ކިހިނެއްތޯ" ފަދަ ސުވާލުތަކާ މެންބަރުން ކުރިމަތިލީ ގޮތާއި، އަމިއްލަ ނަފްސު އަލުން ދެނެގަތުމުގެ ތެރެއިން އައު މިއުޒިކް އުފަންވި ގޮތެވެ. މި ވޯލްޑް ޓުއާގެ ތެރެއިން ޖުލައި 6 އަދި 7 ގައި ލަންޑަނުގެ ޓޮޓެންހަމް ހޮޓްސްޕާ ސްޓޭޑިއަމްގައިވެސް ފޯރިގަދަ ޝޯތަކެއް ބޭއްވުމަށް ވަނީ ތާވަލުކުރެވިފަ އެވެ.
ގްރެމީއަށް ނޮމިނޭޓްވެފައިވާ މި ބޭންޑުގެ "އާމީ" ނުވަތަ ފޭނުން މިހާރު ތިބީ، އަލުން ބޭންޑް އެކުގައި ފެނިގެންދާނެ ވަގުތުކޮޅަށް ކެތްމަދުވެފަ އެވެ.










