މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ދެކުނު ކޮރެއާގެ މަޝްހޫރު ކޭ-ޕޮޕް ބޭންޑް ބީޓީއެސްގެ ކޮންސަރޓްތައް އިތުރުކޮށްދިނުމަށް އެދި، އެ ގައުމުގެ ރައީސާ ކްލައުޑިއާ ޝީންބޯމް ދެކުނު ކޮރެއާގެ ރައީސް ލީ ޖައި މިއުންގަށް ރަސްމީ ސިޓީއެއް ފޮނުއްވައިފި އެވެ.
ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު ބީ.ޓީ.އެސް އަލުން އެނބުރި އައުމާއި ގުޅިގެން ބާއްވާ ވޯލްޑް ޓުއާގެ ތެރެއިން މެކްސިކޯ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ތިން ޝޯއެވެ. ނަމަވެސް މި ޝޯތަކުގެ ޓިކެޓް ވިއްކަން ފެށިތާ އެންމެ 40 މިނެޓް ތެރޭގައި ހުރިހާ ޓިކެޓެއް ހުސްވުމާ ގުޅިގެން، ގިނަ އަދަދެއްގެ ޒުވާނުންނަށް ޓިކެޓް ނުލިބުމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މިކަމާ ގުޅޭގޮތުން ރައީސާ ޝީންބޯމް ހޯމަ ދުވަހު ވިދާޅުވީ، ކޮރެއާގެ ރައީސަށް ސިޓީއެއް ފޮނުއްވާފައިވަނީ ޝޯތައް އިންތިޒާމުކުރާ ފަރާތުން ބޭންޑުގެ ތާވަލު ބާރުބޮޑުވުމުގެ ސަބަބުން އިތުރު ޝޯތަކެއް ބޭއްވެން ނެތް ކަމަށް އެކަމަނާއަށް އެންގުމާ ގުޅިގެން ކަމަށެވެ. އަދި މިހާތަނަށް ސިޓީގެ ޖަވާބެއް ލިބިފައި ނުވި ނަމަވެސް، އެދެވޭ ނަތީޖާއެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
ރައީސާ ޝީންބޯމް ފާހަގަކުރެއްވި ގޮތުގައި، މެކްސިކޯގެ ޒުވާނުންގެ މެދުގައި ބީޓީއެސް އަކީ އިންތިހާއަށް މަގުބޫލު ބޭންޑެކެވެ. އެގޮތުން ލިބެން ހުރި 150,000 ޓިކެޓަށް ގާތްގަނޑަކަށް އެއް މިލިއަން ޒުވާނުން ކުރިމަތިލާފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. ސްޕޮޓިފައިގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މެކްސިކޯއަކީ މުޅި ދުނިޔޭގައި ވެސް ކޭ-ޕޮޕްގެ ފަސްވަނައަށް އެންމެ ބޮޑު މާކެޓެވެ.
މި ކޮންސާޓްގެ ޓިކެޓްތަކުގެ އަގު ކަޅު ބާޒާރުގައި އިންތިހާއަށް އުފުލިފައިވާ މައްސަލަ ވެސް މިހާރު ވަނީ ފެންމަތިވެފަ އެވެ. ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަސްމީކޮށް 100 ޑޮލަރާއި 1,030 ޑޮލަރާ ދެމެދުގެ އަގުތަކެއްގައި ވިއްކި ޓިކެޓްތައް، އަލުން ވިއްކާ ޕްލެޓްފޯމްތަކުގައި 640 ޑޮލަރާއި 5,200 ޑޮލަރާ ދެމެދުގެ އަގުތަކަކަށް ވަނީ އުފުލިފަ އެވެ. މި މައްސަލައިގައި މެކްސިކޯގެ ކޮންސިއުމާ ވޮޗްޑޮގުން ވަނީ ސްޓަބްހަބް އަދި ވިއަގޯގޯ ފަދަ ޕްލެޓްފޯމްތަކާ މެދު ފިޔަވަޅު އަޅައި، ތަހުގީގެއް ފަށާފަ އެވެ.
ޖުމްލަ 79 ކޮންސާޓް ހިމެނޭ ބީޓީއެސްގެ މި ވޯލްޑް ޓުއާ ފެށުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 9 ވަނަ ދުވަހު ދެކުނު ކޮރެއާގެ ގޯޔަންގް ސްޓޭޑިއަމުންނެވެ. ބޭންޑުގެ ހަތް މެންބަރުން އަސްކަރީ ހިދުމަތް ފުރިހަމަކުރުމަށްފަހު ބާއްވާ މި ޓުއާ 1 ބިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ބިލްބޯޑުން އަންދާޒާކުރެ އެވެ.










